Saturday, March 28, 2015

މަސައްކަތް 5




ސެޝަން ކުރިއަށްގެންދާނެގޮތް:
ގްރޭޑް: 9
ސުރުޚީ: އަޑުއެހުމުގެ ދޭހަ
މާއްދާ: ދިވެހި ބަސް
ހޭދަވާނެ ވަގުތު: 15 މިނިޓް

ޙާޞިލްވާނެ މިންވަރު: މި ފިލާވަޅު ނިމިގެންދާއިރު އަޑުއެހުމުގެ ދޭހައެއްގައި ޢަމަލުކުރަންވީ ގޮތް ދަރިވަރުންނަށް އެނގިގެން ދާނެ އެވެ.

 ރިސޯސް: މިފިލާވަޅުކުރިއަށް ގެންދިއުމަށްޓަކައި، ލެޕްޓޮޕް، ސްޕީކަރ، ކަރުދާސް، ސުވާލުކަރުދާސް، ބޯޑު، މާކަރު، ސުވާލުތަކުގެ ޖަވާބުތައް،  ބޭނުންވާނެއެވެ.
ތަޢާރަފް:
ފިލާވަޅަށް ފަށްޓަވާނީ މިފިލާވަޅު ގެންދިއުމުގެ ބޭނުމާއި މިއީ ކޮންކަމެއް ޙާޞިލުކުރުމުގެ މަޤްޞަދުގައި ކުރާ ދަތުރެއްކަން ބުނެދެއްވާފައެވެ. މި އީ އަޑުއެހުމުގެ ދޭހައިގެ ފިލާވަޅެއް ކަމާއި، ދަރިވަރުންނަށް ޙަވާލުކުރާ އަޑުއެހުމުގެ ދޭހައިގެ ސުވާލު ކިޔުމަށް ފަހު އަޑުއިއްވާ ލަވަ އަޑު އެހުމަށް ފަހު މަސައްކަތް ފުރިހަމަކުރުމަށް ބުނެދޭންވާނެ އެވެ.  (2މިނިޓް)
މައިގަނޑު:
އަޑުއެހުމުގެ ދޭހައިގެ ސުވާލުތަކަށް ޖަވާބުދިނުމުގައި ވިސްނަންވީ ނުކުތާތަކާއި ކުރާނެމަސައްކަތް ކިއުއްވާ ދެއްވާނީ މުދައްރިސެވެ.
ފުރަތަމަ ފަހަރަށް ލަވަ އަޑުއަހާއިރު ދެވިފައިވާ ސުވާލުތައް ދަރިވަރުން ކިޔާލާނެ އެވެ. ދެވަނަ ފަހަރަށް ލަވަ އަޑުއަހާއިރު ދެވިފައިވާ ސުވާލުތަކުގެ ޖަވާބު ދެމުން ގެންދާނީ އެވެ. ތިންވަނަ ފަހަރަށް ލަވައަޑުއަހާއިރު ޖަވާބުތައް ރަނގަޅުތޯ ޗެކުކުރަމުން ގެންދާނީ އެވެ.
ނިންމުން:
ދަރިވަރުން ދެއްވި ޖަވާބާއި އެއްބާރު ލުމުން ފާހަގަކުރެވުނު ކަންތައްތައް ކްލާހުގައި ބުނެދިނުމަށްފަހު ފިލާވަޅު ނިންމަވާލައްވަންވާނީ ހިތްހަމަޖެހުމާ އެކުގައެވެ.
އަޑު އެހުމުގެ ދޭހައިގެ ސުވާލުތައް
ލަވަ އަޑުއެހުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.
1. މާކަނޑުގެ މެދުތެރޭގައިވާ މާ ހަމަ ހިމޭން ތަނެއްގެ ވާހަކަ ޅެމުގައި އެބައާދެ އެވެ. އެއީ ކޮން ތަނެއް ހެއްޔެވެ؟
.........................................................................................................................................
2. ސާފު ފަޅުތަކާއި، ދޮންވެލި ތުންޑިތަކުގެ ވާހަކައިން ސިފަކޮށްދީފައިވަނީ ކޮންތަނެއް ހެއްޔެވެ؟
.........................................................................................................................................
3. "ކުރެދީގެ ހޭޅި" މި ޢިބާރާތުގައިވާ ހޭޅި އަކީ ކޮބާ؟
.........................................................................................................................................
4. މި ޅެމުން މުރަކައިގެ ދަނަޑު މާނަކުރަނީ ކޮން ތަނަކަށް ހެއްޔެވެ؟
.........................................................................................................................................
5 މަހަލް ދީބަކީ ދުނިޔޭގެ ދެވަނައެއް ނުވާ ތަނެއްގެ ގޮތުގައި ދެއްކުމަށް ޅެމުން ހެކިދައްކާ ދެ ކަމެއް ލިޔެދީ!
.........................................................................................................................................
6. މި ތަނަށް އުފަންވީތީވެ އުފާކުރާސަބަބު ކަމަށް ޅެމުގައި ބުނާ ސަބަބުކަމަށް ތިޔަކުދިންނަށް ފެންނަ ކަމަކީ ކޮބާ؟
.........................................................................................................................................
7. ލޮބުވެތި އަޚުން މިތާގައި ދިރިއުޅެމުން ދަނީ ކޮންހެނެއް ހެއްޔެވެ؟
.........................................................................................................................................

ޅެމާއި ޖަވާބުތައް
މާކަނޑުގެ މެދުތެރޭ ވާހަމަ ހިމޭންކަމޭ މާރިވެތި ރާއްޖެމީ އޯހޯހޯ
 މާސާފު ފަޅުތަކާއި ދޮންވެލިމި ތުނޑިތަކާ ވާދިވެހި ރާއްޖެމީ އޯހޯހޯ
ވާދިވެހި ރުއްތަކާ ކުރެދީގެ ހޭޅިޔާ ވާރިވެތި މަސްތަކާ މުރަކައިގެ ދަނޑުތަކާ 
      ވާހާއުފާ މިތާ ނުނިމޭ ދުލުން ކިޔާ  ދެވަނައެއް މިފަދައެއްނުވާ މާހަލް ދީބޭމީ
ވީތީ އުފަންމިތާ ކުރަމޭ އުފާހިތާ ވާތީ އަމާންކަމާ ލޮބުވެތި އަޚުން މިތާ
      ކުރަމޭ ދުޢާއަޅާ އަބަދަށް ވުމަށްމިތާ އުފުލާ އަޑުންކިޔާ މާހަލް ދީބޭމީ
ލަވަ އަޑުއެހުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބު ދޭށެވެ.
1. މާކަނޑުގެ މެދުތެރޭގައިވާ މާ ހަމަ ހިމޭން ތަނެއްގެ ވާހަކަ ޅެމުގައި އެބައާދެ އެވެ. އެއީ ކޮން ތަނެއް ހެއްޔެވެ؟
ޖަވާބު: ދިވެހިރާއްޖެ އެވެ.
2. ސާފު ފަޅުތަކާއި، ދޮންވެލި ތުންޑިތަކުގެ ވާހަކައިން ސިފަކޮށްދީފައިވަނީ ކޮންތަނެއް ހެއްޔެވެ؟
ޖަވާބު: ދިވެހި ރާއްޖެ އެވެ.
3. "ކުރެދީގެ ހޭޅި" މި ޢިބާރާތުގައިވާ ހޭޅި އަކީ ކޮބާ؟
ގޮނޑުދޮށުގައި ގަސްހެދިފައި ހުންނަ ހިސާބެވެ.
4. މި ޅެމުން މުރަކައިގެ ދަނަޑު މާނަކުރަނީ ކޮން ތަނަކަށް ހެއްޔެވެ؟
ޖަވާބު: ކަނޑު އަޑީގެ ރީތި މަންޒަރުތަކަށެވެ.
5 މަހަލް ދީބަކީ ދުނިޔޭގެ ދެވަނައެއް ނުވާ ތަނެއްގެ ގޮތުގައި ދެއްކުމަށް ޅެމުން ހެކިދައްކާ ދެ ކަމެއް ލިޔެދީ!
ޖަވާބު: މުރަކައިގެ ކަނޑުތަކުގައި ރީތި މަސްތައް އުޅުމާއި، ސާފު ފަޅުތަކާއި، ދޮންވެލި ތުނޑިތައް
6. މި ތަނަށް އުފަންވީތީވެ އުފާކުރާސަބަބު ކަމަށް ޅެމުގައި ބުނާ ސަބަބުކަމަށް ތިޔަކުދިންނަށް ފެންނަ ކަމަކީ ކޮބާ؟
ޖަވާބު: އަމާން މާޙައުލެއްގައި، ދިރި އުޅެވުމާއި، މި މާޙައުލުގެ ހަމަހިމޭން ކަންފަދަ ކަންތައްތައް
7. ލޮބުވެތި އަޚުން މިތާގައި ދިރިއުޅެމުން ދަނީ ކޮންހެނެއް ހެއްޔެވެ؟
ޖަވާބު: އަމާން ކަމާއި އެކުގައެވެ.




މަސައްކަތް 4














ސެޝަން ކުރިއަށްގެންދާނެގޮތް:
·        ސުރުޚީ: ރައިވަރުމާނަކުރުން:
·        ކުލާސް: ގްރޭޑް 9
·        މާއްދާ: ދިވެހި ބަސް   
·        ހޭދަވާނެ ވަގުތު: 30 މިނިޓް

·         ޙާޞިލްވާނެ މިންވަރު: މި ފިލާވަޅު ނިމިގެންދާއިރު ދަރިވަރުންނަށް ރައިވަރުމާނަކުރުމަކީ ކޮބައިކަމާއި،  ރައިވަރުގެ ސުވާލަށް ޖަވާބު ދިނުމުގައި ދިމާވާމައްސަލަތައް ފާހަގަކޮށް އެކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް އެނގޭނެއެވެ. އަދި ދަރިވަރުންނަށް އިމްތިޙާނުގައި ރައިވަރު މާނަކުރުމުގެ މަސައްކަތް ކުރަންވީގޮތް އޮޅުން ފިލާނެއެވެ.

·         ރިސޯސް: މިފިލާވަޅުކުރިއަށް ގެންދިއުމަށްޓަކައި، ޕްރެސެންޓޭޝަން، ޕްރޮޖެކްޓަރ، ކަރުދާސް، އަތްމަތީކަރުދާސް، ބޯޑު،
މާކަރު، ރައިވަރު، ބޭނުންވާނެއެވެ.
ތަޢާރަފް:
ފިލާވަަޅަށް ފަށްޓަވާނީ މިފިލާވަޅު ގެންދިއުމުގެ ބޭނުމާއި މިއީ ކޮންކަމެއް ޙާޞިލުކުރުމުގެ މަޤްޞަދުގައި ކުރާ ދަތުރެއްކަން ބުނެދެއްވާފައެވެ. މިސާލަކަށް: މިއީ އެސް.އެސް.ސީ އިމްތިޙާނުގައި ދަރިވަރުން އިމްތިޙާނު ކުރެވޭ ބައިތަކުގެތެރެއިން ރައިވަރުމާނަ ކުރުމުގެބައި ރަނގަޅުކުރުމުގެގޮތުން ގެންދެވޭ ފިލާވަޅެއްކަމާއި، މި ފިލާވަޅު ބިނާކޮށްފައިވާނީ މުދައްރިސް އޮޅުން ފިލުވައިދެއްވުމާއި، ދަރިވަރުންގެ ޢަމަލީ މަސައްކަތް ކުރުމުގެ މައްޗަށްކަން ބުނެދެއްވަންވާނެއެވެ. (2މިނިޓް)
މައިގަނޑު:
ރައިވަރުމާނަ ކުރުމަކީ،ކޮބައިކަމާއި، ސުވާލަށް ޖަވާބު ޖަވާބުދިނުމުގައި ވިސްނަންވީ ނުކުތާތަކާއި ކުރާނެ މަސައްކަތް ޕްރެސެންޓޭޝަންގެ އެެހީގައި މިބައިގައި ހުށައަޅުއްވަމުން ގެންދަވާނީ މުދައްރިސެވެ.
ދަރިވަރުންނަށް މަސައްކަތް ކުރާެގޮތް އޮޅުން ފިލުއްވައި ދެއްވުމަށްފަހު މަސައްކަތް ޙަވާލުކުރައްވާނީ ގުރޫޕްތަކަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވަކި ސުވާލުތަކެއްގެ ޖަވާބު ތައްޔާރުކުރާގޮތަށެވެ.
މަސައްކަތް ނިމުމުން ތަފާތު ގްރޫޕްތަކުން ކޮށްފައިވާ މަސައްކަތް ގްރޫޕްތަކުގެ މެދުގައި ހުށައެޅުން އޮންނާނެއެވެ. ހުށައަޅަމުންދާ މަސައްކަތާމެދުގައި ކުދިންގެ ޚިޔާލުވެސް ހޯއްދަވައިގެން ވާހަކަދައްކަވަން ވާނެއެވެ.
ނިންމުން:
ދަރިވަރުން ހުށައެޅި މަސައްކަތުން ފާހަގަކުރެވުނު ކަންތައްތައް ކްލާހުގައި ބުނެދެއްވުމަށްފަހު ފިލާވަޅު ޚުލާޞާކޮށް، މަސައްކަތްކަތުގައި ލިބުނު ބައިވެރިވުން ފާހަގަކޮށް ފިލާވަޅު ނިންމަވާ ލައްވަންވާނީ ހިތްހަމަޖެހުމާ އެކުގައެވެ.



މި އަތްމަތީ ކަރުދާހަކީ ރައިވަރު މާނަކުރުމުގެ ފިލާވަޅު ގެންދިއުމަށްފަހު ދަރިވަރުންގެ އިތުރު މަޢުލޫމާތަކަށް ބަލައި ދިރާސާކުރުމަށް ޙަވާލުކުރެވޭ ލިޔުމެކެވެ.

ރައިވަރު މާނަ ކުރުން

ރައިވަރު މާނަ ކުރުމުގައި އަންނަނިވި ފަދައިން ޢަމަލުކުރާށެވެ.

(ހ) އެންމެ ފުރަތަމަ ޅެމުގެ މަޢުޟޫއަށް ވިސްނާށެވެ. މިރައިވަރުގެ ޅެމުގެ މައުޟޫއަކީ ލޯތްބެވެ. ނުވަތަ މިއީ ލޯބީގެ ރައިވަރެކެވެ.
(ށ) ދެވަނައަށް ޅެމުގެ ބަހުގެ ވެއްޓަށްބަލާށެވެ. މިރައިވަރުގެ ޅެމުގެ ވެށީގައި ހިމެނެނީ، ހިތާމައިގެ ޙާލަތުގައި މީހަކަށް ދިމާވެދާނެ ހާދިސާއަކަށް ފެތޭ ބަސްކޮށާރެކެވެ. މިސާލަކަށް:- ގިލަން، ނުކައިހުރުން، އުޑުން ތަރިހަނދު ނެގުން.......
(ނ) ތިންވަނައަށް ބަސްތަރުތީބު ކުރާށެވެ. (ދައްކާފައިވާ މިސާލުގައިވާ ފަދައިންނެވެ.)
(ރ) ހަތަރުވަނައަށް ރައިވަރުގައި އިހުބޯދާ ބަސްތައް ހުރިނަމަ، މިޒަމާނަށް ފައްތައިގެން ލިޔެލާށެވެ. (ދައްކާފައިވާ މިސާލާ އެއްގޮތަށެވެ.)
(ބ) ފަސްވަނައަށް، ޖުމްލަމާނަ ހަމަޖެހޭފަދަ ގޮތަކަށް ޢިބާރާތް ކުރުމަށްޓަކައި، ތަރުތީބުކުރި ބަސްތަކުގެ ތިރީގައި ރޮނގުދަމައިގެން ނަންބަރު ޖަހައިގެން ޢިބާރާތް ތަރުތީބު ކުރާށެވެ. (ދައްކާފައިވާ މިސާލަށް ބަލައިގެން ނަމަވެސް ވެހެވެ.)
(ޅ) ހަވަނައަށް ޖުމުލަމާނަ ޢިބާރާތްކުރާށެވެ. (ދައްކާފައިވާ މިސާލާ އެއްގޮތްވާނޭ ފަދަ ގޮތަކަށެވެ.)

މިސާލު (1)
ދުންމިޖެހި ގިލަނުގާ،
ދުންއަމު މަހުންނަމެ ނުކާ،
ލުންރިޔަ ދެފުށު އެޅިވަޔާ،
ދުއްވާނެގޮތް ނޭނގިފާ،
ޑުންއުތަރި ހަނދު ނޭނގިފައިމަ،
ޖުންޖުއިލާގަ ޖެހިފައިމަ.


ބަސް ތަރުތީބުކުރާށެވެ. ދެން ޖުމުލަތައް ބަހުގެ ހަމައިން އަތުރާށެވެ.

ދުންމިޖެހި ގިލަނުގާ،       (މިގިލަނުގައި ޖެހި)        = މިގިލަނުގައިޖެހި (1)
ދުންއަމު މަހުންނަމެ ނުކާ،   (އަމުދުންމަނުކައި ހުންނަމެ)   = އަމުދުންމަނުކައިހުންނަމެ (6)
ލުންރިޔަ ދެފުށު އެޅިވަޔާ،    (ވަޔާރިޔަލުން ދެފުށުންއެޅި)   = ވަޔާރިޔަލުންދެފުށުއެޅި (4)
ދުއްވާނެގޮތް ނޭނގިފާ،      (ދުއްވާނެގޮތް ނޭނގިފައި)    = ދުއްވާނެގޮތެއްނޭގިފައި (5)
ޑުންއުތަރި ހަނދު ނޭނގިފައިމަ،(އުޑުންތަރިހަނދުނޭނގިފައިމަ)  = އުޑުގެތަރިހަނދުވަކިނުވެ (3)
ޖުންޖުއިލާގަ ޖެހިފައިމަ.      (މަޖުންޖުލައިގައި ޖެހިފައި)   = ޖުންޖުލައިގައި ޖެހިގެން (2)


ރައިވަރުގެ މާނަ:
ޖުމުލަ މާނަ:
މިގިލަނުގައި ޖެހުނުފަހުން ޖުންޖުލައިގައިޖެހިގެން އުޑުން ތަރިހަނދު ވަކިނުވެ (ދަތުރުއޮޅި) ވަޔާރިޔަލުން ދެފުށުއެޅި (އަނބުރާ ހޭރިޔާކޮށްކޮށް) ދުއްވާނެ ގޮތެއް ނޭނގިފައި، އަމުދުން މަނުކައި ހުންނަމެވެ.

މިސާލު (2)
ރާއަލި އަހުގާފަތި،         (ފަތިހުގާ އަލިއަރާ)      = ފަތިހުގެ އިރުއަރާ ވަގުތު،  (5)
ރާމުއަކުރަނި ނުކޮށްދަތި،     (ދަތިނުކޮށް އަރާމުކުރަނި)  = ހިތްދަތިނުކޮށްއަރާމުކުރާށެވެ. (6)
ރާކުނަންދީމާތްލަތި،         (ނަންކުރާ ދީލަތިމާތް)    = ނަންމަޝްހޫރު މާތްދީލަތި  (1)
ރާއައިންނެވި ފުށުންމަތި،     (މަރިފުށުން އަރާއިންނެވި)  = ނަސަބުންއަރާއިންނެވި  (2)
ރާކިވަސް ހަށިކޮޅުންދޭމު،     (ހަށިކޮޅުން މުރާކިވަސްދޭ)  = ހަށިކޮޅުންމުރާކިވަސްދޭ (3)
ރާލިރަނޭ މައެދޭމު.         (މައެދޭ މުރާލިރަނޭ)      = މައެދޭ މުރާލި ރަނާއެވެ. (4)

ޖުމުލަމާނަ:

ނަންމަޝްހޫރު ނަސަބުން އަރާހުންނެވި ހަށިކޮޅުން މުރާލިވަސްދޭ މައެދޭ މުރާލި ރަނާއެވެ. ފަތިހުގެ އިރުއަރާވަގުތު ހިތްދަތިނުކޮށް އަރާމުކުރާށެވެ.

************


މަސައްކްތް 3 ވީޑިއޯ





ސެޝަން ކުރިއަށްގެންދާނެގޮތް:
·        ސުރުޚީ: އުފެއްދުންތެރި ޚިޔާލު ފާޅުކުރުން
·        ގުރޭޑް: 9
·        މާއްދާ: ދިވެހި
·        ހޭދަވާނެ ވަގުތު:40 މިނިޓް

·         ޙާޞިލްވާނެ މިންވަރު: ސަންތި މަރިޔަނބު ވާހަކަ އަޑުއެހުމަށްފަހު، ގުރޫޕްތަކުގައި، އުފެއްދުންތެރި ގޮތަކަށް ވާހަކަޔާއި ދޭތެރޭ ޚިޔާލު ބަދަލް ކުރާނެ އެވެ. މި ފިލާވަޅު ނިމިގެންދާއިރު އެއްވެސް ވާހަކައެއް، މަންޒަރެއްވިޔަސް، އެއީ ހަމަ އެކަނި އަޑުއަހާ ނިންމާލެވެން އޮތް އެއްޗެއް ނޫންކަން ދަރިވަރުންނަށް އެނގޭނެ އެވެ.

·          ރިސޯސް: މިފިލާވަޅުކުރިއަށް ގެންދިއުމަށްޓަކައި، ލެޕްޓޮޕް، ސަންތި މަރިޔަބު ވާހަކައިގެ ވީޑިއޯ، ޕްރޮޖެކްޓަރ، ކަރުދާސް، ގަލަން، ބޭނުންވާނެއެވެ.
ތަޢާރަފް:
ފިލާވަަޅަށް ފަށްޓަވާނީ މިފިލާވަޅު ގެންދިއުމުގެ ބޭނުމާއި މިއީ ކޮންކަމެއް ޙާޞިލުކުރުމުގެ މަޤްޞަދުގައި ކުރާ ދަތުރެއްކަން ބުނެދެއްވާފައެވެ. މިސާލަކަށް: މިއީ އެއްކަމަކާމެދު ތަފާތު ނަޒަރުން ވިސްނުން ބެހެއްޓުމާއި ޚިޔާލު ފާޅުކުރުމަށް ގެންދެވޭ ފިލާވަޅެއްކަމާއި، މި ފިލާވަޅު ބިނާކޮށްފައިވާނީ ވީޑީއޯއެއް ބެލުމާއި، އެ ވީޑިއޯއަށް ދަރިވަރުން ތަފާތު ވިސްނުމާއި ޚިޔާލު ހުށަހެޅުމާއި، ދަރިވަރުންގެ ޢަމަލީ މަސައްކަތް ކުރުމުގެ މައްޗަށްކަން ބުނެދޭންވާނެއެވެ. (2މިނިޓް)
މައިގަނޑު:
ވީޑިއޯ ޑްރާމާ "ސަންތމަރިޔަނބު" ދައްކާ އެ ވާހަކަޔަށް ގެނެވިދާނެ އުފެއދުންތެރި ބަދަލަކާއި، އެއާއި ގުޅިގެން ކުރެވިދާނެ ކަންތައް ތަކެއް އެބަ އޮތްތޯ ދަރިވަރުން ލައްވާ ޚިޔާލު ބަދަލް ކުުރުވާނީ އެވެ.
ދަރިވަރުންގެ ގްރޫޕްތަކުގައްޔާއި، ކުލާހުގައި ބަދަލްކުރި ޚިޔާލާ ގުޅުވައިގެން ކުލާހުގައި ކުރާނެ މަސައްކަތެއް ނިންމުން.
ކުލާހުގެ 4 ގުރޫޕާއި މަސައްކަތް ޙަވާލުކުރުން. ފުރަތަމަ ގުރޫޕުގެ މަސައްކަތް: ޑްރާމާ މައިމު ކުރުން. ދެވަނަ ގުރޫޕް: ދަތްޖަހާފައި ލިބެންޖެހޭ ފައިސާ ނުލިބިގެން އެކަމާ ދެން ކުރާނެ ކަމެއް ބެލުމަށް ކުރާ މަޝްވަރާ އެއް. ތިންވަނަ ގުރޫޕް: އަނގަ މަޑު މިތުރަށް ޖަހައިދިން ރަން ދަތްޕިަލައިގެ އަގުހޯދުމަށް ފޮނުވާނެ ސިޓީއާއި ފައިސާގެ ބިލް ތައްޔާރު ކުރުން. ހަތަރުވަނަ ގުރޫޕް:އަނގަގަދަ މިތުރުގެ މޫނު މައްޗަށް އޮއްސާލައިފައިވާ ދަތްތައް އުފުރާލަ ދިނުންއެދި ސަންތި މަރިޔަބަށް ފޮނުވާނެ އާދޭހުގެ ސިޓީ އެއް ލިޔުން. މީގެ އިތުރަށް ދަރިވަރުން ހުށަހަޅާފައިވާ ރަނގަޅު ޚިޔާލެއް ވާނަމަ އެ ޚީޔާއެއް ވެސް ހިމަނައިގެން ގްރޫޕް މަސައްކަތް ރާވާނީ އެވެ.
ދަރިވަރުންނަށް މަސައްކަތް ކުރާެގޮތް އޮޅުން ފިލުއްވައިދެއްވުމަށްފަހު މަސައްކަތް ޙަވާލުކުރަނީ ގުރޫޕްތަކުން މަސައްކަތް ކުރާގޮތަށެވެ. މަސައްކަތް ނިމުމުން ތަފާތު ގްރޫޕްތަކުން ކޮށްފައިވާ މަސައްކަތް ގްރޫޕްތަކުގެ މެދުގައި ހުށައެޅުން އޮންނާނެއެވެ. ހުށައަޅަމުންދާ މަސައްކަތާމެދުގައި ކުދިންގެ ޚިޔާލުވެސް ހޯއްދަވައިގެން ވާހަކަދައްކަވަން ވާނެއެވެ.
ނިންމުން:
ދަރިވަރުން ހުށައެޅި ހުށަހެޅުންތަކުން ފާހަގަކުރެވުނު ކަންތައްތައް ކްލާހުގައި ބުނެދެއްވުމަށްފަހު ފިލާވަޅުގައި ކުރެވުނު ކަންތައްތައް ޚުލާޞާކޮށް، މަސައްކަތްކަތުގައި ލިބުނުބައިވެރިވުން ފާހަގަކޮށް ފިލާވަޅު ނިންމަވާލައްވަންވާނީ ހިތްހަމަޖެހުމާ އެކުގައެވެ.